މިއަހަރުގެ ރަމަޟާން މަހުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކޮށް، ރަމަޟާން މަހުގެ އަޅުކަންތަކަށް އިތުރަށް ހިތްވަރުދިނުމެވެ. އަދި މިއީ ދިވެހި ދައުލަތުން ވަރަށް އިސްކަމެއް ދީގެން ހިންގާ ޕްރޮގްރާމްތަކެއްކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ”މައިންޑްފުލް ރަމަޟާން“ ނަމުގައި ވޯކްޝޮޕެއް އަދި ”މަރުޙަބާ ރަމަޟާން“ ނަމުގައި ބޮޑު ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ”މަރުޙަބާ ރަމަޟާން“ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ އާޓިފިޝަލް ބީޗުގައެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ ތެރޭގައި މާލޭގައި 8 އިޙްޔާ ފޯރަމް އަދި 7 ސިޓީ/ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން 6 އިޙްޔާ ފޯރަމް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.
ކޮންމެ ހޮނިހިރު ދުވަހަކު މާލޭގހަކު މާލޭގައި އައުޓްރީޗް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު ޙަރަކާތްތަކާއި، ދީނީ ކައުންސެލިންގ އަދި ދީނީ ފޮތްތަކުގެ ސްޓޯލްތައް ހިމެނޭނެއެވެ.
އަދި ކުރީގެ އަހަރުތަކެކޭ އެއްގޮތަށް، ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އަޞުރު ނަމާދަށްފަހު މާލޭ ސަރަޙައްދުގައި އަޞުރު ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން، ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށްވެސް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ކުރީގެ އަހަރުތަކުގައި ގެނެސްދެވުނު ބައެއް ޕްރޮގްރާމްތަކާއި އަލަށް ތަޢާރަފުކުރާ ޕްރޮގްރާމްތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



