މަގުމަތީގައި އުޅަނދުތައް ދުއްވާއިރު ހެލްމެޓު އެޅުން ކޮންމެހެން ލާޒިމު ނޫން ތަންތަނުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުން ހުއްޓުވައި، އެމީހުން ބަލައިފާސް ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހެލްމެޓު އެޅުން ޤާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަލައިގެން ބައެއް މީހުން އުޅޭކަމާއި ޚިދުމަތްދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޤަވާއިދުގައި ބުނާ ގޮތުގައި އުޅަނދު ދުއްވާއިރު، އެ އުޅަނދެއް ދުއްވާ މީހާއާއި ފަހަތުގައި އިންނަ މީހާ ހެލްމެޓު އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނޑު ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށާއި އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ހެލްމެޓު އެޅުން ލާޒިމުކޮށްފައިވާ ސަރަހައްދުތައއް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި، ބަލައިފާސްކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މިއީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި އަމާންވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.




