ރިސޯޓު މުވައްޒަފުން ހެދުން އެޅުމުގެ އާންމު މިންގަނޑެއް އެކުލަވާލަން ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު ހުށަހަޅައިދެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.
އެ ގަރާރު ހުށަހަޅައިދެއްވަމުން މަޓޭ ވިދާޅުވީ ޓޫރިސްޓު ހޮޓާތަކާއި އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާން ޖެހޭ ޑްރެސްކޯޑެއް އަދި މިހާތަނަށް އެކުލަވަލައިފައި ނެތުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެންކަމުން އެގޮތަށް އުސޫލެއް ނެތުމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އުޅޭ މާހައުލުގައި އުޅޭ އުޅުމުގައި ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމާއި ހުރަސްތަކެއް ކުރިމަތިވާ ކަމަށް މަޓޭ ވިދާޅުވި އެވެ.
މަޓޭ އަކީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރުގެ އިތުރުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ޖެނެރަލް ސެކްރެޓްރީ އެވެ.



