މާލޭ މަގުމަތީގައި މާރާމާރީ ހިންގަން އުޅެނިކޮށް ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފިއެވެ.
ފުލުހުން އިއްޔެ ވިދާޅުވީ މާރާމާރީ ހިންގަން އުޅުނު ދެ މީހަކާއި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އިއްޔެ ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނާއި 17 އަހަރުގެ ކުއްޖާއަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށްބުނެ، ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ވެސް ހާމަކޮށްފައެވެ.
އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖާގެ އިތުރުން، މއ. ރިހިވިލާ / އަހްމަދު މާނިއު (23އ.) އާއި ގދ. ގައްދޫ ފަނޑުނުވާގޭ މުޙައްމަދު އަޔާން (18އ.) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މާނިއު އާއި އަޔާން 15 ދުވަހަށް އަދި 17 އަހަރުގެ ކުއްޖާ ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.




