މިމަހު 20 ގެ ކުރިން މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދިނުމަށް އަންގައިފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ސަރކިއުލާއެއްގައި، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ޤާނޫނުން ކަނޑައަޅާފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭންވާނެއެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އިނާޔަތުގެ ފައިސާ ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށް ވެސް ކުންފުނިތަކަށް އަންގަވާފައިވެއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުންނެވެ. އިތުރު ވަޒީފާ އަދާކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ދޭކަށް ނުޖެހޭނެއެވެ.
ރަމަޟާން މަސް ފެށޭއިރު ”ޕޭ ލީވް“ އަދި ”ނޯ ޕޭ ލީވް“ ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދޭނެއެވެ. ނަމަވެސް، މިފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދޭންވާނެ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ.




