ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި އެ ފަރާތްތަކަށް ލިބޭ މުސާރައިގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދި އާންމު ފަރާތަކުން ވަނީ ރައީސް އޮފީހުގައި އެދިފައެވެ.
ނަމަވެސް އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ރައީސް އޮފީހުން ބުނުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވަނީ، އެ މައުލޫމާތަކީ ހާމަނުކުރެވޭނެ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެހެންކަމުން އެ މައުލޫމާތު ހާމަ ކުރުމަށެވެ. އަދި އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިންއިރު، އެ މުއްދަތުގައި އެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި ސަރުކާރުން ވަކި ކުރި ކަމަށް ބުނާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ވެސް ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
މި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.



