އެމެރިކާއިން ޣައްޒާ ހިފުމަށްފަހު، ފަަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ އެ ޤައުމަށް ނޭރޭނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ބުނެފިއެވެ.
ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދިގު 15 މަސް ދުވަސް ވަންދެން ދިން ހަމަލާތައް ހުއްޓާލުމާއެކު، ޓްރަމްޕް ބުނެފައިވަނީ އޭނާ ބޭނުންވަނީ ޣައްޒާގެ ރައްޔިތުން އެތަން ދޫކޮށް ޢަރަބި އެހެން ޤައުމުތަކުގައި ވަޒަންވެރިވުމަށާއި އެމެރިކާއިން ޣައްޒާ ހިފައި، އެ ޤައުމު އިޤްތިޞާދީ ބޭނުމަށް ބޭނުންކުރަން ކަމުގައެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ފޮކްސް ނިއުސް އަށް މިއަދު ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އެމެރިކާއިން ޣައްޒާ ހިފުމަށްފަހު ޣައްޒާގެ ރައްޔިތުންނަށް އަނބުރާ އެތަނަށް ނުދެވޭނެ ކަމަށާއި ދިޔުމުގެ އެއްވެސް ޙައްޤެއް ވެސް ނޯންނާނެ ކަމަށެވެ.
މިކަމުގެ ސަބަބެއް ކަމުގައި ޓްރަމްޕު ބުނެފައިވަނީ، ޣައްޒާ ދޫކޮށްފައި އެހެން ޤައުމުތަކަށް ހިޖުރަކުރާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭނީ މާ އުފަލާ ހިތްހަމަޖެހުމާ އެކުގައި ކަމަށާއި، އެހެންކަމުން އަނބުރާ ޣައްޒާއަށް ދިޔުމުގެ އެއްވެސް ބޭނުމެއް އެ ރައްޔިތުންނަށް ނޯންނާނެ ކަމަށެވެ.
ޣައްޒާ ހިފަން ޓްރަމްޕް ނިންމާފައިވާ ނިންމުމަށް ބައިނަލްއަގުވާމީ މަސްރަހުން ވަނީ ދެކޮޅު ހަދައި، އެފަދައިން ޢަމަލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.



