މި އަހަރު އިތުރު 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ބަޖެޓު ހުރި ގޮތުން މި އަހަރު 36 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ވަދު ކަނދުފަތި އަޅާނެ ކަމަށެވެ.
ސްޕޯޓްސް ފިޝިން ކަނދުފަތިތައް އަޅައިދޭން މިހާރުވެސް 80 އަށް ވުރެ ރިކުއެސްޓް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ޝިޔާމް ވިދާޅުވީ، ސްޕޯޓްސް ފިޝިންއަށް ހާއްސަ ވިއުގައެއް ގާއިމްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށެވެ.
”އެގޮތުން އަމާޒަކީ އެއް ރަށަށް ވުރެ ގިނަ ރަށްރަށަށް ބޭނުން ހިފޭނެ ގޮތަކަށް ކަނދުފަތިތައް އެޅުން. ނަމަވެސް ހަ މޭލަށް ވުރެ ދުރަށް ދުއްވަން ނުޖެހޭ ގޮތަށް އެކަން ފަރުމާކުރާނަން“ ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ހަދާ ފެޑް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އުތުރުން ށ. ފުނަދޫގައި އެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެސް ވިދާޅުވިއެވެ.




