ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤަސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ފޮތް ރޭގައި ނެރެފިއެވެ.
މި ފޮތް ލިޔެދީފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުޙައްމަދު ޖަމީލުއެވެ. ފޮތް ރަސްމީކޮށް ނެރެފައިވަނީ އެކަމަށްޓަކައި ރޭ ވިލާ ކޮލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޤާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ މި ފޮތް އިފްތިތާހު ކޮށްދެއްވީ، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ.
ރޭގައި ބޭއްވި އެ ޚަފްލާގައި ޤާސިމް އިބްރާހިމްގެ ބަޔޯގްރަފީ ފޮތުގެ އިތުރުން އޮޑިއޯއާއި ވެބްސައިޓު ވެސް ވަނީ އިފްތިތާހު ކޮށްފައެވެ. އޯޑިއޯއަށް އަޑު އަޅައިދެއްވާފައިވަނީ ޓީވީ ދާއިރާގެ ތަޖުރިބާކާރު އަދި އެސްއެސްޓީވީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު)އެވެ.
މި ޚާއްސަ ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި، ކުރީގެ ރައީސް މުޙައްމަދު ޙަސަން މަނިކުއާއި، ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން އެކި ދާއިރާތަކުގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޤާސިމް އިބްރާހިމްގެ ބަޔޯގްރަފީ ފޮތުގައި އޭނާގެ ދިރިއުޅުމުގައި ދިމާވި އެކިއެކި ކަންތައްތަކާއި، ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތަކުގެ އިތުރުން، އާއިލީ ދިރިއުޅުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންތައްތައް ވެސް ވަރަސް ތަފްސީލުކޮށް ހިމަނާފައިވެއެވެ.




