ސަރުކާރުން ހުޅުމާލޭގައި ތަރައްޤީ ކުރަން ނިންމާފައިވާ ންނެލި ޕެކިން ފެކްޓްރީގެ މަޝްރޫއު މި އަހަރުގެ މެދަކާ ހިސާބުގައި ފަށައި، އަންނަ އަހަރުގެ މެދު ތެރެއަށް އެ މަސައްކަތް ނިމޭނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް މިއަދު ވަޑައިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒަކީ (މަޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން އަންނަ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިންގެ އަތުން 80 ރުފިޔާއަށް މަސް ގަތުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންދާކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
”މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަމާން ބަނދަރަކަށް ބޮޑު ކަންނެލި މަސްވެރިންގެ މަސް ކިރުމަށް ޓަކައި. އެއީ ހުޅުމާލެ ބަނދަރު. ހުޅުމާލެ ބަނދަރުގައި އެންމެ މަގަތުން އެ އޮތީ 25،000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލީގެ މަސްވެރިންނަށް މަސް ޕެކް ކުރުމަށް ޓަކައި ކަނޑައެޅިފައި“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަމުން ނުދާ ކަމަށާއި އެކަން ކުރަމުން ދަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި ކަނޑުއޮތްގިރިއަކީ ބޮޑު ކަންނެލި މަސްވެރިންނަށް ހާއްސަކޮށްގެން ހިންގަމުން އައި ރަށެއް ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލައަށް ހޯދިފައި ނުވުމުން މިހާތަނަށް އެކަން އޮތީ އެދެވޭ ގޮތެއްގައި ނުކުރެވި ކަމަށެވެ.


