ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީ ގެ މައްޗަށް ދައުވާކޮށް ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ދިފާއުގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
މިމައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން ”ޕޮންޒީ“ ގެ ނަމުގައި އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.
ދައުލަތުން އުފުލާފައިވާ މި މައްސަލައާ ގުޅިގެން އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ވެސް ކޮއްފައިވަނީ ޓެކުމުގެ ކުށުގެ 13 ދައުވާ އެކެވެ. އެ ދައުވާތައް މުރާޖާކޮށްދިނުމަށް މީގެ ކުރިން ވަނީ އެދިފައެވެ.
ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ބަހުސް ކުރުމެވެ.
މިއަދުގެ ޝަރީޢަތުގައި ތިން ބެއިންގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ ދައުވާ ފުރިހަމަ ނުވާ ކަމާއި ދައުވާކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.
ދިފާއީ ވަކީލު އަލީ ސައީދު ކޯޓަށް ހުށަހެޅުއްވި ނުކުތާތަކުގައި ފާހަގަކޮށްފައިވަނީ:
- ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަކަށް
- ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އެބަ އޮވޭ؛ ބޭނުމަކީ ކުންފުނި ކުށަށް ޒިންމާ ކުރުވުން
- މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން
- ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން؛ އަލްހާނަކީ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ
ދައުލަތުގެ ވަކީލު ހައްވާ ނާހީ ފާހަގަ ކުރެއްވި ނުކުތާތަކަކީ:
- ދައުލަތުން ދައުވާކުރީ ކުންފުންޏަކުން ކުށްކޮށްގެނެއް ނޫންކަން؛ ކުންފުނީގެ ނަމުގައި ފަރުދީ ހައިސިއްޔަތުން ތިން ފަރުދަކު ކުރި ކުށަކާ ގުޅިގެންކަން
- ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެން ކުށްކުރާ ހާލަތްތަކުގައި ކުށްކުރި ފަރުދު ފަރުދީ ހައިސިއްޔަތުން ދައުވާކުރުމުގެ ފުރުސަތު ގާނޫނުއްއުގޫބާތުގައި އޮންނަކަން
- ސީލައިފް ފްލެޓްތަކުގެ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާގެ މައްޗަށް ދައުވާކުރުމުން، މައުލޫއީ ގޮތުން ބަލައިގެން ނޫނީ ފަރުދީ ގޮތުން ބައިވެރިވުން ނެތް ކަމަށް ކަނޑައެޅެން ނޯންނާނެކަން ކްރިމިނަލް ކޯޓުން ނިންމިކަން
- ދިފާއުން ފާހަގަކުރާ ކަންކަން ނިންމޭނީ މައުލޫއީ ގޮތުން މުޅި މައްސަލަ ބަލައި ހެކިތައް ހުށަހަޅައިގެން ޝަރީއަތް ހިންގައިގެންކަން



