މިދުވަސްކޮޅު ރާއްޖޭގެ ވައި ނުސާފުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މެދުވެރިކޮށް ވައި ނުސާފު މިންވަރަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.
ރައްކާަތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަޅަންވީ އަމަލުކުރަންވީ ގޮތުގެ އިރުޝާދެއްވެސް އެޗްޕީއޭ އިން ވަނީ ދީފައެވެ.
އެގޮތުން އެޗްޕީއޭ އިން ބުނީމެދުމިނަށް ވައި ނުސާފުވާ (ރީނދޫ ސަމާލުގެ) ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން، އެފަދަ ދުވަސްތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުން ބޭރުގައި ނޫޅެން އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ އިރުޝާދުތައް:
° ނޭވާލުމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
° ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތައް ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ’އެން96‘ ނުވަތަ އެފަދަ މާސްކު އެޅުން
° ބޭރުގެ ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
° އެއާ ޕިއުރިފައިއާ ބޭނުންކުރުން
އޮރެންޖު ސަމާލުގެ ހާލަތުގައި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އެ އެޖެންސީން ވަނީ ސިއްޚަތައް ނުރަނގަޅު ރަތް ސަމާލުގެ ހާލަތުގައި ސިއްޚީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް ބޮޑު ކަމަށް ބުނެފައެވެ.




