މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މާލޭގައި ޓެކްސީއެއް ހޯދަން ކުރިމަތިވާ ދަތިތަކަށް ހައްލެއް ގެނެސް ދިނުމަށްޓަކައި، ސަރުކާރުގެ ފަރާތުން ވަނީ ޓެކްސީގެ ޚިދުމަތް ދޭން ފަށާނެކަން މިދިޔަ އަހަރު އިއުލާނު ކުރައްވާފައެވެ.
ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމްއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޜު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީތައްކަމަށެވެ. އަދި ސަރުކާރުން އެ ޚިދުމަތް ފެށިނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތް ދޭ މީހުންނަށް އެކަމުގެ ގެއްލުމެއް ނުލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ އަމީން ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރައްވާނެކަމަށެވެ. އަދި ޓެކްސީ ޚިދުމަތާ ގުޅުމުގެ ފުރުޞަތު ފުލް ޓައިމްކޮށްނާއި ޕާޓްޓައިމްކޮށް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ޚިދުމަތް ދިނުމަށް އޫބަރ ނުވަތަ ގްރެބް ކޮންސެޕްޓްފަދަ ސޮފްޓްވެއަރގެ ތެރެއިން އެމްޓީސިީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން 2 މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ.“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ޓެކްސީގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ޕޫލެއްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ. އަދި ޓެކްސީ ލައިނަށް ޚާއްސަ އެވެއަރނެސް ޕްރޮގްރާމެއް ހިންގާނެކަމަށާއި އެ ޕްރޮގްރާމުން ފާސްވާ މީހުންނަށް ޓެކްސީ ދުއްވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.



