މާފުށީ ޖަލުގައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައި ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) އެވެ.
އޭނާ މަރުވީ މިއަދު ހަވީރު ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓިގެން ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
މިއާއިއެކު ވަގުތުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.
ކަރެކްޝަންސްއިން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައެޅީ މިއަދު ހަވީރު 17:20 ހާއިރެވެ.
މިހާދިސާގައި މަރުވެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އޭނާ އަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށްވެސް ކަރެކްޝަންސް މައުލޫމާތުދެއެވެ.



