އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް ހޮވި، މަގާމުގެ ހުވާކުރިތާ މާގިނަ ދުވަހެއް ނުވެ، ޑޮނަލްޑް ޓްރަމްޕް މިވަނީ ކުރިންވެސް އޭނާއަށް މުޅި ދުނިޔޭގެ ފާޑުކިޔުން ލިބުނުފަދަ އަމަލެއް އަނެއްކާވެސް ކުރަން ފަށައިފައެވެ.
އެގޮތުން އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ، އެމެރިކާއަށް ކުރި ޒިޔާރަތުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސުގައި ވާހަކަ ދައްކަމުން ޓްރަމްޕު ބުނީ އޭނާ ބޭނުންވަނީ ޣައްޒާގެ ހުރިހާ ރައްޔިތުން ވެސް ޢަރަބި އެހެން ޤައުމުތަކަށް ފޮނުވާލުމަށާއި އެއަށްފަހު އެމެރިކާ ޣައްޒާއަށް ވެރިވެގަނެ އެ ބިން ވިޔަފާރި ކުރުމަށްޓަކައި ރިވޭރިއާއަކަށް ބަދަލު ކުރުމަށް ކަމަށެވެ.
މިކަމާ ގުޅިގެން އުރުދުންނާއި، ސައުދީ އަރަބިއާ އަދި މިސްރުން ޣައްޒާގެ ރައްޔިތުން އެ ޤައުމުތަކަށް ގެންގޮސް ވަޒަންވެރި ކުރުމަށާއި އެއަށްފަހު ޣައްޒާގެ އެއްވެސް ރައްޔިތަކަށް އެނބުރި އެ ޤައުމަށް ނުދެވޭނެ ކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕުގެ އެ ވާހަކަތަކަށް ޢަރަބި އެއްވެސް ޤައުމަކުން ތާއީދު ކޮށްފައެއް ނުވެއެވެ. ސައުދީ އަރަބިއާއިން ވެސް ބުނެފައިވަނީ ޣައްޒާއަކީ އެމެރިކާގެ ބިމެއް ނޫން ކަމަށާއި އެތަނުގައި އެހެންކަމުން ދިރިއުޅޭނީ ޣައްޒާގެ ރައްޔިތުން ކަމަށެވެ. މިކަމާ ގުޅިގެން އ.ދ އިންވެސް ބުނީ ނަސްލު ނައްތާލުމުގެ އެއްވެސް ޢަމަލަކަށް ހިތްވަރު ނުދޭނެ ކަމަށާއި ޓްރަމްޕުގެ އެ ހުށަހެޅުމަށް ތާއީދު ނުކުރާ ކަމަށެވެ.
ނަމަވެސް އެމެރިކާގެ ޔަހޫދީ ރައީސް ހުރީ މުޅި ދުނިޔެ އޭނާއާ މިކަމާ ދެކޮޅު ހެދިކަމުގައި ވިޔަސް، މިކަން ނުކޮށް ހުއްޓާލާގޮތަށް ނޫންކަން އޭނާގެ ވާހަކަތަކުން ސާބިތުކޮށްދެއެވެ. ތަކުރާރުކޮށް ޓްރަމްޕު ބުނަމުން ގެންދަނީ އެމެރިކާއިން ޣައްޒާ ހިފާނެ ކަމަށާއި އެހެންކަމުން އެ ޤައުމުގެ ރައްޔިތުން ޢަރަބި އެހެން ޤައުމުތަކަށް ދާއިމީކޮށް ގެންދިޔުމަށެވެ.
މީގެއިތުރުން ޓްރަމްޕް ގެންދަނީ، އިޒްރޭލާ ގުޅިގެން، ޣައްޒާގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަމުންނެވެ. އެގޮތުން އިޒްރޭލުން އަދިވެސް ފަލަސްތީނުގެ ރައްޔިތުން ގަތުލު ކުރަމުން ގެންދާ ގެންދިޔުމަށް ތާއީދުކޮށް، ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ވެސް އަލުން ފެށުމަށް ޓްރަމްޕް ގޮވާލާފައިވެއެވެ.
އެމެރިކާގެ ރައީސް މިވަރަށް ޣައްޒާ ހިފަން އުޅުމުން، އެ ބިމަކީ އޭނާ އަމިއްލައަށް ހިއްކައިގެން އުފައްދާފައިވާ ބިމެއްތޯ، އެތައްބައެއްގެ ހިތުގައި މިހާރު ސުވާލު އުފެދެއެވެ.



