ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްގެ މަގާމުން ހަމްދީ އަގީލް ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީސީބީގެ ރައީސްކަމުގެ މަގާމުން ހަމްދީ ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އެ ނިންމުން ނިންމި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
ޕީސީބީގެ ރައީސް ކަމުގެ މަގާމުން ހަމްދީ ރޭގައި ވަކިކޮށްފައިވާއިރު، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އަންގައި އެ ބޯޑުން އިއްޔެ ވަނީ ސާކިއުލާއެއް އާންމުކޮށްފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި، ރަސްމީ ދަތުރުތައް މަދުކުރުމުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން ހިމެނެ އެވެ.



