މާރާމާރީތަކުގައި ތުހުމަތު ކުރެވޭ، ގޭންގެއްގެ ނުރައްކާތެރި އިސް މީހަކު ފިލައިގެން މެލޭޝިއާއަށް ދިޔުމުން، އަނބުރާ ރާއްޖެ ގެނެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު އެއާޕޯޓުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޏ. ފުވައްމުލައް ދިގުވާންޑު ބަނަފްސާގެ / ޙުސެއިން އަރީޝް (31އ.) އެވެ.
އަރީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް، މެލޭޝިއާއަށް ފިލައިގެން ދިޔުމުން، މެލޭޝިއާއަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި އަނބުރާ ރާއްޖެ ގެނައުމަށްފަހު ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ރިކޯޑިތަކުން ދައްކާ ގޮތުގައި އަރީޝަކީ 28 ކްރިމިނަލް ރިކޯޑު އޮތް މީހެކެވެ. އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލައާއި، މާރާމާރީގެ މައްސަލަ އަދި ތޫނު ހަތިޔާރު ގެންގުޅުން ހިމެނެއެވެ.




