ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަށް ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) ގެ ޕާޓް 145 ސެޓްފިކެޓް ލިބިއްޖެއެވެ.
މިއީ ރާއްޖޭގައި އިއާސާ ޕާޓް 145 ހުއްދަ ލިބުނު ފުރަތަމަ އެއާލައިންއެވެ.
އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ސެޓްފިކެޓް ލިބުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނަށް ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކަށް ސީދާ މެއިންޓެނަންސް ޚިދުމަތް ދެވޭނެއެވެ. މިއީ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިންގ އޮޕަރޭޝަންސްގެ ޑިރެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، މި ސެޓްފިކެޓަކީ ކުރިމަގުގައި އެއަރލައިންތަކާއި ފަސިންޖަރުންގެ ކުރިއެރުމަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށެވެ.
“ މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ އެއަރލައިންތަކަށް ސެޓްފައިޑް ލައިން މެއިންޓެނަންސް ޚިދުމަތްތަކާއި އޮންސައިޓް ސަޕޯޓް ލިބޭނެ“ ރެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.
މި ހުއްދައިގެ ސަބަބުން ދިވެހި މަތިންދާބޯޓު މެއިންޓެނަންސް އިންޖިނިއަރުންނާއި، މެކޭނިކުންނާއި އަދި އެހެނިހެން އޭވިއޭޝަން ޕްރޮފެޝަނަލުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށްވެސް މުޙައްމަދު ޙަސަން ވިދާޅުވިއެވެ.
މިހާރު، އައިލެންޑް އޭވިއޭޝަން އިންޖިނިއަރިންގއިން އެއަރބަސް އޭ320 ފެމިލީ، އޭ330، އޭ350، އަދި ބޯއިންގ 737، 767، 777، އަދި 787 ފަދަ ތަފާތު ގިނަ ބާވަތްތަކުގެ މަތިންދާބޯޓުތަކަށް ފުރިހަމަ މެއިންޓެނަންސް ސަޕޯޓް ފޯރުކޮށްދެއެވެ. އަދި 30 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެއަރލައިންތަކަށް ލައިން މެއިންޓެނަންސް ޚިދުމަތް ފޯރުކޮށްދެއެވެ.
އިއާސާ ޕާޓް 145 ހުއްދައިގެ ސެޓްފިކެޓް ލިބުމާއެކު، އައިލެންޑް އޭވިއޭޝަނަށް ދުނިޔޭގެ އޭވިއޭޝަން މެއިންޓެނަންސް ޞިނާޢަތުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބި، އިތުރު ބައިނަލްއަޤްވާމީ އެއަރލައިންތަކަށް ޚިދުމަތް ދިނުމަށް މަގުފަހިވެގެން ދާނެއެވެ.



