ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ކަންކަން ބެލުމަށް ވަރަށް ގާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިހެން ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގައި ހުރި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ބަލަހައްޓާ ތަންތަން އިތުރަށް މިނިސްޓްރީއާ ގާތުން ބެލުމަށާއި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީގައި ”ސްޓޭޓް ކެއަރ“ ގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހަދާފައިވާ ކަމަށެވެ. އަދި މި ޑިޕާޓްމަންޓުން އަތޮޅުތަކުގައި ތިބި މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބޭނުންވާ ކުދިން ކަމަށްވާތީ، އެ ކުދިން ބެލެހެއްޓުމުގެ ކަންކަމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަކީ އެގޮތުން ކުރާ މަސައްކަތެއް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައިވާ ސެންޓަރުތަކުގައި ކުދިން ބަހައްޓަނީ އުމުރުފުރައަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިން ބަހައްޓާ ވަކި މަރުކަޒެއް، އަންހެން ކުދިން ބަހައްޓާ ވަކި މަރުކަޒުތަކެއް އަދި ފިރިހެން ކުދިން ބަހައްޓާ ވަކި މަރުކަޒުތަކެއް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަދި ވިދާޅުވީ، މި މަރުކަޒުތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނުތައް ވަރަށް ގަވާއިދުން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.



