ރާއްޖެއާއި ސައުދީ ޢަރަބިއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫ ސަޢޫދީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއެމްއޯޔޫ އަކީ ހުސްވި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ސޮއިކޮށްފައިވާ އެމްއޯޔޫއެކެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސައީދު ރިޔާދަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން ބަދަހި ކުރުކުމުގެ ގޮތުން ސޮއިކޮށްފައިވާ މިއެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި މިނިސްޓަރު ސައީދު ސޮއިކުރައްވާފައިވާއިރު، ސައުދީ އަރަބިއާގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓަރ އޮފް ކޮމަރސް އެންޑް ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްގެ ބޯޑް ޗެއަރމަން ޑރ. މާޖިދު އިން ޢަބްދުﷲ އަލްގަބަސީއެވެ.
މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލެޕްމެންޓް އަދި ޓްރޭޑް އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެމިނިސްޓްރީ އާއި ސަޢޫދީ ޢަރަބިއްޔާގެ ބޭރު ވިޔަފާރީގެ އާންމު އޮތޯރިޓީއާ ދެމެދު ވެވުނު އެމްއޯޔޫ ސަޢޫދީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއެމްއޯޔޫގެ ސަބަބުން ރައީސް ޑރ. މުޢިއްޒު އަދި ސަޢޫދީ ޢަރަބިއްޔާގެ ޔަލްޢަހުދު މުޙައްމަދު ބިން ސަލްމާންގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ދެ ޤައުމުގެ މަންފާއަށްޓަކައި ވިޔަފާރީގެ އެއްބާރުލުން އިތުރުކުރުމުގެ މަޤްސަދުގައި ސޮއިކޮށްފައިވާ މިއެމްއޯޔޫގެ ދަށުން، ބޯޑަރ ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.
މީގެއިތުރުން ވިޔަފާރިއާއި ފަތުރުވެރިކަން އަދި އިމާރާތްކުރުންފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.



