ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިއްޔެ ފެށުނު ”ރަށު އެކްސްޕޯ“ ގައި 9 އަތޮޅަކުން 15 ރަށެއް ބައިވެރިވެފައިވާ ކަމަށް މި އިވެންޓް އިންތިޒާމުކުރި ގާއިސް ޓްރެވެލްސްއިން މަޢުލޫމާތު ދީފިއެވެ.
ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަމާއި ޚާއްޞަ ކަންކަން ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ބޭއްވޭ މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި ފުވައްމުލަކު ސިޓީގެ އިތުރުން ހދ، އދ، ލ، ޅ، ނ، ހއ، ކ އަދި ގއ އަތޮޅުގެ ރަށްތަކުން ވަނީ ބައިވެރިވެފައެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން ޓްރެވަލް ގައިޑްސްގެ ޑިރެކްޓަރު ޑރ. ޙުސައިން ސަނީ ވިދާޅުވީ، އަތޮޅުތެރޭގެ ގިނަ ރައްޔިތުން ބޭނުންވަނީ އެމީހުންގެ ރަށްތައް އިޝްތިހާރުކޮށް، އެ ރަށްތަކުން ލިބެންހުރި ޚިދުމަތްތައް މާކެޓްކުރުމާކެޓްކުރުމަށް އިތުރު ފުރުޞަތުތަކެއް ކަމަށާއި މި އެކްސްޕޯގައި ރަށްރަށުގެ ސަގާފަތާއި، ރަށްރަށާ ބެހޭ އެކިއެކި މަޢުލޫމާތުގެ އިތުރުން އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތުވެސް ހިމެނޭނެ ކަމަށެވެ.
”ރަށު އެކްސްޕޯ“ ގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު އެވެ. އަދި ގޯލްޑް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ ވެސް ވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ.



