މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 2024 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ އަހަރީ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ. 2023 ވަނަ އަހަރު އެ ކުންފުންޏަށް 3.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
ކުންފުނި ހިންގައިގެން ލިބުނު އާމްދަނީއަށް ބަލާއިރު، 2024 ވަނަ އަހަރު 211.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 37.2 އިންސައްތަ ދަށް އަދަދެކެވެ. 2023 ވަނަ އަހަރު މި އަދަދު ހުރީ 336.7 މިލިޔަން ރުފިޔާގައެވެ.
2024 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް 99.1 މިލިޔަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާއިރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 84.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 418.2 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ. ތިންވަނަ ކުއާޓަރުގައި 587.1 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 189 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، 9 މަޝްރޫޢެއް ނިންމާލައި، 3 އައު މަޝްރޫޢެއްގެ މަސައްކަތް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.



