ފަތުރުވެރިކަމުގެ މޫސުމުގައި ރާއްޖޭގެ ވައިގެ ފެންވަރު ދަށްވާނަމަ ފަތުރުވެރިކަމަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފުވެފައިވާއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިމަހުގެ 11 ވަނަ ދުވަހުވެސް ވައިނުސާފުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާފައެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ ވައިގެ ފެންވަރު ދަށްވަމުންދާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މި މޫސުމުގައި ރާއްޖޭގެ ވައިގެ ފެންވަރު ދަށްވަމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މި މައްސަލަ ކުރިމަތި ވަނީ ފަތުރުވެރިކަމުގެ މޫސުމުގައި ކަމަށާއި މިކަން މިގޮތަށް ދެމިގެންދާނަމަ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފު ވަނީ އެހެން ޤައުމުތަކުން އަންނަ ވައިގެ ސަބަބުންކަން ފާހަގަކޮށް ނަޝީދު ވަނީ މި މައްސަލަ ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.



