ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، މާމިގިލީގައި މިސްކިތެއް ބިނާ ކޮށްދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު މީޑިއާތަކާ ޙިއްސާ ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އެ މިސްކިތަކީ އެ މާމިގިލީ ރައްޔިތުންނާއި ކައުންސިލުން އެދުމުން ބިނާކޮށްދެއްވި މިސްކިތެއް ކަމަށާއި މިސްކިތުގެ ބިންގާ އަޅައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ގާތްގަނޑަކަށް 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަހުރި މިސްކިތުގެ މަސައްކަތް ނިމުމުން މިދިޔަ ބުރާސްފަތި ދުވަހު ގާސިމް އެ މިސްކިތް ހުޅުއްވައިދެއްވައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެންބަރު ޤާސިމް ބިނާކޮށްދެއްވި އެ މިސްކިތައް ކިޔަނީ މަސަޖިދުލް ޒިކްރާ އެވެ.
އައު މިސްކިތެއް ބިނާ ކޮށްދެއްވަން ޤާސިމް އަރިހު އެ ރަށު ކައުންސިލުގެ ފަރާތުން އެދިފައިވަނީ މާމިގިލީ ކުރިން ހުރި މިސްކިތުގެ ޖާގަ ކުޑަކަމުން ކަމުގައި ކައުންސިލުން ބުނެފައިވެއެވެ.



