ރަމަޟާން މަހާއި އެނޫންވެސް މަސް މަހުގައި ވިޔަފާރީގެ މުޢާމަލާތްތައް ކުރަންވާނީ އިޙުސާންތެރިކަމާއި، އިސްލާމީ އުސޫލުތަކުގެ ތެރެއިން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ރޭގައި ބޭއްވި ”އަހާ“ ފޯރަމްގައި ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އެމީހާ ސުވާލުކޮށްފައިވަނީ އާންމުކޮށް ރަމަޟާން މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލެމުންދިޔުމުގެ ކަންބޮޑުވުމާ ގުޅިގެން، ދީނީ ނަޒަރަކުން އެއީ ކޮންކަހަލަކަމެއްތޯ އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ދެ ފަރާތަށްވެސް ގެއްލުން ނުވާނެހެން ކަމަށެވެ. އަދި އިސްލާމްދީނުގެ ހުރިހާކަމެއްވެސް ބިނާވެފައިވާ އެންމެ މުހިންމު އެއް ސިފައަކީ އިޙްސާންތެރިކަމުގެ ސިފަކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
”އިޙްސާންތެރިކަން، ކުލުނުވެރިކަން، އަޚްވަންތަކަން. އަޚުލާޤު، އަނެއް މީހާއަށް އެހީވުން. ދަތި އުނދަގޫ ކަމެއް މެދުވެރިވެފައިވާ މީހާއަށް ކަންކަން ފަސޭހަކުރުން، އެގޮތަށް ހަމަ ވިޔަފާރީގެ ކަންކަންވެސް މިއޮންނަނީ. ވިޔަފާރީގެ ތެރެގައިވެސް ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި އިޙްސާންތެރިވުމާއި މިކަންކަމަކީ ﷲ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވާކަންކަން. އެހެންކަމުން ވިޔަފާރިކުރުމުގައިވެސް އަނެކުންނަށް ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަން ވާނެ. ވަކިން ޚާއްސަކޮށް ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓާލައި، ވިޔަފާރިވެރިން ވީހާވެސް ބޮޑަށް ދީނުގެ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަކީ މުހިންމުކަމެއް. އެހެންނަމަވެސް އިޙްސާންތެރިވުމުގައިވެސް ވިޔަފާރިތަކަށްވެސް ގެއްލުން ނުވާނެހެން ކަންކަން ކުރަންޖެހޭ“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
ރަމަޟާން މަހުގެ އިތުރުންވެސް ވިޔަފާރިކުރުމުގައި ދެފަރާތަށް ގެއްލުން ނުވާނެހެން ކަންކަން ބައްޓަން ކުރުމަކީ މުހިންމުކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.




