ޗައިނާއާއެކި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭގައި ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ އިމްޕޯޓު ޑިއުޓީ ދަށްވުމާއި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.
މި އެއްބަސްވުމަށް އަމަލު ކުރަން ފެށިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރާއްޖެއަށް ލިބެމުންދާ އިމްޕޯޓު ޑިއުޓީ ދަށްވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
މިކަން ތަފްސީލު ކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ޗައިނާއިން 1 ބިލިޔަން ރުފިޔާގެ މުދާ ރައްޖެއަށް އެތެރެކޮށްފައިވާކަމަށެވެ.
”މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފައިވޭ. މީގެ ސީއައިއެފް ވެލިއު އަކީ 34 މިލިޔަން ރުފިޔާ. އޭގެތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިޔަން ރުފިޔާ. އެއީ ޖުމްލަ އިމްޕޯޓުގެ 1 އިންސަންތަ“ މިނިސްޓަރު ވިދާޅުވިއެވެ.



