މި ފެށޭ ރޯދަ މަހު ރައްޔިތުންގެ މަޖިލިސް ބަންދު ނުކުރަން މިހާރު ވިސްނަމުންދާ ކަމަށާއި އެފަދައިން ދެވަނަ ވިސްނުމަކަށް ދާން ޖެހުނީ ރައްޔިތުންގެ ނުރުހުން ލިބެން ފެށުމުން ކަމުގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ގަވާއިދަށް ބަދަލުގެނެސް ރޯދަ މަހު މަޖިލިސް ބަންދުކުރާ ގޮތަށް ބަދަލު ގެންނަން މިދިޔަ ހަފްތާގައި މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާއު އެވެ. އަދި އެ ހުށަހެޅުން ދިރާސާ ކުރުމަށް އާންމު ކޮމިޓީން ހުށަހެޅުމުން އެ ކޮމިޓީން ވަނީ އެއްވެސް ބަދަލެއް ނުގެނެސް އެ ހުށަހެޅުން ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް ދައުރު ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ:
- ފުރަތަމަ ދައުރު – 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
- ދެވަނަ ދައުރު – 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
- ތިން ވަނަ ދައުރު – 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް
މެންބަރު ރިފާއު ހުށަހެޅުއްވި ބަދަލުގައި ހުށަހަޅުއްވާފައިވަނީ:
- ފުރަތަމަ ދައުރު – ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށް
- ދެވަނަ ދައުރު – 1 އޭޕްރީލުން ޖުލައި މަހުގެ ނިޔަލަށް
- ތިން ވަނަ ދައުރު – 1 ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް
އެކަމާ ގުޅޭގޮތުން ފަލާހް މިއަދު ”ސައުވީސް“ އަށް ވިދާޅުވީ ރޯދަ މަހު މަޖިލިސް ބަންދު ކުރުމާމެދު ދެވަނަ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އެފަދަ ވިސްނުމަކަށް ދާން ޖެހުނީ ޕީއެންސީން ހުށަހެޅި ހުށަހެޅުމާމެދު ނޫސްވެރިން ތަފާތު ގޮތްގޮތަށް ޚަބަރު ފެތުރުމުން ރައްޔިތުންގެ ހިތްތަކުގައި ނުރުހުން އުފެދިފައިވާތީ، އެގޮތަށް އެކަންވާން ބޭނުންނުވާތީ ކަމުގައެވެ.
”ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވޭ ދެއްތޯ. އެހެންކަމުން ރަމަޟާން މަހު އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ލިބެނީ އެންމެ ނުވަ ދުވަސް. އެނގޭނެ ފަދައިން 20ވަނަ ރައްޔިތުންގެ މަޖިލިހަކީ މި ފާއިތުވީ މަޖިލިސް ޗުއްޓީތަކުގައި ވެސް 50 އިންސައްތައަށް (ޗުއްޓީގައި) މަސައްކަތް ކުރި މަޖިލިހެއް. އެހެންވެ އަޅުގަނޑުމެން ނިންމީ އެ ނުވަ ދުވަސް ޗުއްޓީ ކޮށްލަން. އިތުރު ޗުއްޓީއެއް ނަގާކަށް ނޫން. ނަމަވެސް ނޫސްތަކުގައި އެޚަބަރު އެކި ގޮތްގޮތަށް ލިޔެފައިވުމުން ރައްޔިތުންގެ ހިތްތަކުގައި އަޅުގަނޑުމެންނާ ދޭތެރޭވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފައި އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން“ މެންބަރު ފަލާހް ވިދާޅުވިއެވެ.
މެންބަރު ފަލާހް ވިދާޅުވީ، އެގޮތަށް ކަންތައްވުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި މިހާރު ރޯދަ މަހު މަޖިލިސް ބަންދުކުރުމާމެދު ނުވިސްނަވާ ކަމަށެވެ.




