މަސްވެރިކަމާބެހޭ ވުޒާރާއާއި ޗައިނާގެ ފުޖިއާން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ފާނައާއި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމަކީ އެ ވުޒާރާގެ އެދުމުގެ މަތިން ކުރިއަށްގެންދާ ތަމްރީނެކެވެ.
ކ. މަނިޔަފުށީގައި ކުރިއަށްދާ މި ތަމްރީނުގައި ފާނައާއި ހުއިފިލަނޑާ އާލާކުރާނެ ގޮތުގެ އިތުރުން، އެ ދެ ބާވަތަށް ބޭނުންވާ ކާނާ ތައްޔާރުކުރުމާއި ބެލެހެއްޓުމުގެ ހުނަރުތައްވެސް ދަސްކޮށްދޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި ތަމްރީނަކީ ފާނައާއި ހުއިފިލަނޑާގެ ސްޓޮކް ދަށްވަމުން ދިއުމާ ގުޅިގެން، އެ ދެ ބާވަތް އާލާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
ޗައިނާގެ ފުޖިއާން ރިސާރޗް އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުން މި ތަމްރީނު ކުރިއަށްގެންދާއިރު، މަސްވެރިކަމާބެހޭ ވުޒާރާގެ 20 މުވައްޒަފުން މި ތަމްރީނުގައި ބައިވެރިވެއެވެ. 7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނަކީ ޗައިނާއާ ގުޅިގެން މަސްވެރިކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ފުރަތަމަ މިފަދަ ތަމްރީނެވެ.




