ރާއްޖޭގެ ރަށު ފަތުރުވެރިކަމާއި ސަގާފަތް ކުރިއެރުވުމަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވުނު ”ރަށު އެކްސްޕޯ“ ވަނީ އިއްޔެ ރޭ ފާހަގަކޮށްލެވޭ ކާމިޔާބީއަކާއެކު ނިމުމަކަށް ގެނެސްފައެވެ.
”ޓްރެވެލް ގާއީޒް“ ގެ ފަރާތުން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވުނު މި އެކްސްޕޯގައި ރާއްޖޭގެ 9 އަތޮޅަކުން 14 ރަށެއް ތަމްސީލުކޮށްފައިވާކަމަށް އިވެންޓުގެ އޯގަނައިޒަރުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް މި އެކްސްޕޯގައި ބަހައްޓާފައިވެއެވެ.
ދަ ޓްރެވެލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވި ގޮތުގައި މި އެކްސްޕޯއަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބި، އޭގެ މަޤްޞަދު ފުރިހަމައަށް ހާސިލުވެފައިވެއެވެ.
”ކައުންސިލްތަކުން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ، އަންނަ އަހަރުގެ އެކްސްޕޯއަށް މިއަށްވުރެ ބޮޑަށް ތައްޔާރުވުމަށް މަސައްކަތް ކުރާނެކަމަށް ފާހަގަކޮށްފައިވޭ,“ ޑރ. ސަނީ ވިދާޅުވިއެވެ.
ޑރ. ސަނީ އިތުރަށް ވިދާޅުވީ އަންނަ އަަހަރުގެ ރަށު އެކްސްޕޯގައި މިއަހަރަށް ވުރެއް ގިނަ ހަރަކާތްތައް އޮންނާނެ ކަމަށާއި އަންނަ އަހަރުވެސް ހަމަ މި ދުވަހު އެކްސްޕޯ އޮންނާނެ ކަމަށެވެ.
މި އެކްސްޕޯގައި ބައިވެރިވި ރަށްރަށުން ވަނީ އެ ރަށްރަށުގައި ހުރި ޚާއްސަ ކަންކަމާއި ސަގާފަތާއި ޚާއްސަ ކާބޯތަކެތި ދައްކާލާފައެވެ.



