ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެތެރޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.
ޕީއެސްއެމް ސަރަހައްދުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ޕީއެސްއެމްއަށް ފެންވަދެ އެތަނުގައި ހުންނަ މުދަލަށް ގެއްލުން ލިބުމުގެ ސަބަބުން ޕީއެސްއެމް އިން ވަނީ އެތަނުގައި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްދިނުމަށް އެދިފައެވެ.
މިކަމާއި ގުޅޭ ގޮތުން އާރްޑީސީގެ މާކެޓިންގ ޑިޕާޓްމަންޓްގެ އަޙުމަދު ފައިރޫޒު ’ސައުވީސް‘ އަށް ވިދާޅުވީ އެތަނުގައި ފެން ބޮޑުވުމުގެ ސަބަބުން ޕީއެސްއެމްއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށާއި މިއީ ޕީއެސްއެމްގެ އެދުމުގެ މަތިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދުވެސް އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
”މި ސަރަހައްދުގައި މަސައްކަތް ކުރުމުގެ ތެރެއިން ސަރަހައްދުގެ ކާނުތައް ސާފުކޮށް، އެތެރެއަށް ފެން ވަންނަ ސަބަބު ދެނެގަނެވޭނެ. ޕީއެސްއެމްއަށް ވަންނަ ފެން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާއިރު، އެ ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން، ޕީއެސްއެމްއަށް ފެން ވަދެ، އެތަނުގެ އެތެރޭގައި ހުންނަ މުދަލަށްވެސް ގެއްލުން ލިބޭ،“ ފައިރޫޒް ވިދާޅުވިއެވެ.
އެސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މީގެކުރިން ވެސް އަމީނީ މަގާ ގުޅޭ ހިސާބުގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފައިރޫޒް އިތުރަށް ވިދާޅުވިއެވެ.



