ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ އިތުރު ކޮރަޕްޝަނުގެ މައްސަަލަތަކެއްގެ މައުލޫމާތު ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރާ މީހެއްގެ ފަރާތުން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާކަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ހާމަކޮށްފި އެވެ.
ޕޮލްކޯއާ ހަވާލުކޮށްގެން ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށް ގެންދިޔަ ”ބުލޫސް ހައުސިން“ މަޝްރޫއުގައި ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިންގާފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން މިހާރުވެސް ދަނީ ދިރާސާކުރަމުންނެވެ. އެގޮތުން އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އުފައްދާފައެވެ.
ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިހާރު ފުލުހުންގެ މަގާމުގައި ހުންނެވި ”ވިސިލްބްލޯވަރެއްގެ“ ފަރާތުން މަޖިލީހުގެ މެއިލްއަށް ޕޮލްކޯތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އިތުރު މައްސަލަަތަކެއްގެ މައުލޫމާތުތަކެއް ވެސް ފޮނުވާފައިވާ ކަމަށެވެ.
”ހަމައެކަނި މި ހައުސިން ކަންތައް އެކަނި ނޫންކަމަށް އެތަނުގައި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައި ހުރީ. އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމަށް ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށް“ މަޖިލިހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މެންބަރު ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ އެ ކޮމިޓީން ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ އެކަން ހިނގަމުންދިޔައިރު ފުލުހުންގެ ޒިންމާދާރު މަގާމުތަކުގައި ތިބި އޮފިސަރުންނާ މެދު އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ނިންމުން ކަމަށެވެ.




