މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ކަމުގެ މަގާމަށް ތޯރިޤު އިބްރާހިމް އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ މަގާމަށް މިނިސްޓަރު ތޯރިޤު އައްޔަނު ކުރައްވާފައިވަނީ ކުރިން ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން މިދިޔަ މަހު ފަހުކޮޅު ވަކިކުރެއްވުމަށް ފަހުގައެވެ.
އެއަށްފަހު ރައީސް މުޢިއްޒު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި، އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓަށް ބަދަލުކުރައްވާފައެވެ. އަދި އެ މިނިސްޓްރީގެ މިނިސްޓަރަކަށް އެމަނިކުފާނު ތޯރިޤު އިބްރާހިމް އައްޔަނު ކުރެއްވިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އަހާފައެވެ. އެ ވޯޓުގައި ބައިވެރިވީ މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވީ މިނިސްޓަރ ތޯރިޤަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ދެ މިނިސްޓްރީ އެއްކޮށްލައްވަން ރައީސް ގެންނެވި ބަދަލާ ގުޅޭގޮތުން މިނިސްޓަރ ތޯރިޤް މީގެކުރިން ވިދާޅުވެފައިވަނީ މިހާރު ދުނިޔޭގައި ސަސްޓެއިނެބަލް ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަން ވަރަށް މަގުބޫލް ކަމަށެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ އަދާކުރާ ދައުރު ބޮޑުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



