އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ޢަބްދުﷲ ނާޝިދު އައްޔަނު ކުރައްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އޭސީސީގެ ނައިބަކަށް އައްޔަނު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ފޮނުއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ މިދިޔަ ހަފްތާގައި އެނަން ބަދަލުކުރައްވައި ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އޭސީސީގެ ނައިބަކަށް ރ. އަލިފުށީ، ފަސާނާ، އަބްދުﷲ ނާޝިދު އައްޔަނު ކުރެއްވުމަށް ހުށަހަޅުއްވާފައެވެ.
ނާޝިދު އެ މަގާމަށް އައްޔަނު ކުރެއްވުމަށް ރުހުން ހޯދުމަށް ވޯޓަށް އެހުމުން، ހާޒިރުވެތިބި މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވީ އެ މަގާމަށް އޭނާ އައްޔަނު ކުރައްވަން ރުހުން ދޭން ފެންނަ ކަމަށެވެ.
މިހާރު އޭސީސީގައި ތިއްބަވަނީ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަބްދުﷲ ނާޝިދުގެ އިތުރުން އަޙުމަދު ނާޝިދެވެ.



