މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ މީހުން ގެންދިޔުމުގެ ބައެއް ދަތުރުތައް ހަމަޖެއްސުމަށް، ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަންއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، އަހަރުތަކެއް ފަހުން ދިވެހި ޙާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ޤައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް އެމަނިކުފާނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންއިންނެވެ.



