ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުން އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ޕްރޮޕަޓީއެއް ގަނެވިއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ރަސްމާލޭގައި އިޒްރޭލުގެ ރައްޔިތުންނަށް ދިރިނޫޅެވޭނެ ކަމަށާއި އެ ގައުމުގެ މީހުންނަށް އެތަނުން ތަނެއް މިލްކުކުރުމާއި ކުއްޔަށް ހިފުން ފަދަ އެއްވެސް މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.
އަދި އެކަން ގާނޫނީ ގޮތުން އެއްކޮށް ބަންދުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”އިޒްރޭލުގެ ރައްޔިތުންނަކަށެއް މި ޕްރޮޖެކްޓްގެ ތެރެއިން އަދި ކުރިއަށް އޮތްތާ އެހެން އެއްވެސް ޕްރޮޖެކްޓަކުން ވެސް މިތަނުން އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކާ، ކުއްޔަށް ހޯދައި، މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ. ގާނޫނުގެ ތެރެއިން އަޅުގަނޑުމެން އެކަން ބަންދުކުރާނަން،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ވަރަށް އަވަހަށް ރިއަލް އެސްޓޭޓާ ބެހޭ ގާނޫނެއް ވުޖޫދުކުރާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ވަކި ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން ތިބެވޭނެ މިންވަރު 25 އިންސައްތައަށް ލިމިޓްކުރަން ނިންމާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން ރިއަލް އެސްޓޭޓްއާ ބެހޭ ގާނުނެއް ތައާރަފްކުރުން އޮތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ. ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން އިނގޭތޯ، އެ ވަކި އިންސައްތައަކަށް ލިމިޓްކުރާނަން. އަޅުގަނޑުމެން ކަނޑައަޅާފައިވަނީ، އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަ ވެގެން 25 އިންސައްތައަށޭ ތިބެވޭނީ، އިނގޭތޯ. އެއަށްވުރެ ގިނައިން ވަކި ގައުމެއްގެ ރައްޔިތުންނަކަށް ނުތިބެވޭނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގެ އެއްވެސް ހިސާބެއްގައި ޣައިރު މުސްލިމުން އަޅުކަންކުރާނެ ތަންތަނާއި އެފަދަ ސްކޫލްތައް ގާއިމުކުރުމުގެ ހުއްދައެއް ނޯންނާނެއެވެ. އަދި އެ މުޅި ސަރަހައްދުގައިވެސް ފުރިހަމައަށް ތަންފީޒުވެގެންދާނީ ދިވެހިރާއްޖޭގެ ގާނޫނުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



