ޤައުމީ އެއާލައިން މޯލްޑިވިއަން ގައި 500 ހައްޖުވެރިން އުފުލުމުން ހައްޖަށް މީހުން ފޮނުވުމުގެ ހަރަދުން 3.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެން ދާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ މި އަހަރު ރާއްޖެއިން ހައްޖަށް ފުރާ މީހުން ގެންދިޔުމާއި ގުޅޭގޮތުން ހައްޖު ކޯޕަރޭޝަންއާއި މޯލްޑިވިއަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަކީލް ވިދާޅުވީ މި އަހަރު ރާއްޖެއިން ހައްޖަށް ފުރާ 1000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށާއި، މިއީ ދިވެހިން ހައްޖަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ފެށިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ހުރިހާ ހައްޖުވެރިންވެސް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައި ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، އަހަރުތަކެއް ފަހުން ދިވެހި ޙާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ޤައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް އެމަނިކުފާނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންއިން އިން އަލަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުގައެވެ.



