ދިވެހި އަންހެނުން ކުރާ މަސައްކަތް ފާހަގަކޮށް ޤައުމީ ފެންވަރުގައި އަގުވަޒަން ކުރުމަށްދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑު ދެނީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށެވެ.
މީގެއިތުރުން މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު މި އެވޯޑު ދެއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން މިއަދު ކުރި އިއުލާނެއްގައިވަނީ މިއަދުން ފެށިގެން މި އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.


