ކޮންމެ އިސްރަށްވެއްސަކީވެސް އެތައް ރޮނގަކުން ހިތުގައި މައުލޫމާތު ހުރި ދިރިހުރި ކުތުބުޙާނާއެއް ރައީސް ޑރ. މުހައްމަދުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެވެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުމާއި ގުޅިގެން ”އިސްވާރުންގެ އަހަރީ އުފާ“ ގެ ނަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ އިސްރައްވެހިންގެ ކިބައިން އެދިލެއްވީ އެ ބޭފުޅުންގެ ތަޖުރިބާތަކާއި، ދުނިޔެއިން ދެކެވަޑައިގަތް ކަންކަމާއި، ތަންތަނުގެ މައުލޫމާތު ޒުވާން ކުދިންނަށް ފޯރު ކޮށްދިނުމަށެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތަކާއި ހަނދާންތައް އެއް ޖީލުން އަނެއް ޖީލަށް ވާސިލުވެގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މެޑަމް ސާޖިދާ ފާހަގަ ކުރެއްވިއެވެ.
“ އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި، ހުނަރާއި ތަޖުރިބާ ހިއްސާ ކުރުމުގެ ފައިދާ ލިބިގަތުމަށް އަދުގެ ކިޔަވާ ކުދިންނަށް އަޅުގަނޑު ގޮވާލަން “ – މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ޒުވާނުން ކުދިންގެ ބަސްތެރިކަން ކުރި އަރާ، މައުލޫމާތު ފުންވެގެން ދާނެ ކަމަށްވެސް މެޑަމް ސާޖިދާ ފާހަގަ ކުރެއްވިއެވެ. އަދި ޒުވާން ކުދިން އިސްރަށްވެހިންނާއި މިފަދަ ގުޅުންތެރި ކަމެއް ބާއްވަން ފެށުމުން، އިސް ރަށްވެހިންނަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން، އިސްރަށްވެހިންގެ ނާދީ ފަދަ މަރުކަޒުތަކެއް ރާއްޖޭގައި ޤާއިމު ކުރައްވަން ނިންމަވައި، އެކަން ހަޤީގަތަކަށް ހައްދަވަމުން ގެންދަވާ ކަމަކީ، ދިވެހިންގެ އިޖުތިމާއީ ގުޅުންތައް ބަދަހި ކުރައްވަން ރައީސް ދެއްވާ ސަމާލުކަން ދައްކުވައިދޭ ކަމެއް ކަމަށް މެޑަމް ސާޖިދާ ފާހަގަ ކުރެއްވިއެވެ.
“ އަޅުގަނޑުގެ އުންމީދަކީ، މި ނާދީ އަކީ އިސް ރަށްވެހިންގެ ކިބައިން މައުލުމާތާއި، ތަޖުރިބާ މިއަދުގެ ޖީލުތަކަށް ފޯރު ކޮށްދެވޭނެ ފުރުސަތު ތަކެއް ހުޅުވިގެން ދާނެ ތަނެއް ކަމުގައި ވެގެން ދިޔުން “ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޤާއިމު ކުރެއްވި އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ނާދީގެ ލޯގޯވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުން އެ ނާދީއިން ހިދުމަތް ހޯދާ ފަރާތްތަކަށް ނާދީ އިން ހިންގާ ހަރަކާތްތަކުގައި ބައިވެރުވުމަށް ހާއްސަ މެމްބަރޝިޕް ކާޑެއްވެސް މި ރަސްމިއްޔާތުގައި ތައާރަފު ކުރެވިގެން ދިޔައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި، ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް އިސްރަށްވެހިންގެ ނާދީތަކެއް ޤައިމު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



