މަޝްހޫރު ރެޑް ވޭވް ފިހާރައިިގެ ނަމުގައި ހަދާފައިވާ ފޭސްބުކް އެކައުންޓަކުން ސޯޝަލް މީޑިއާގައި ސްކޭމެއް ކުރިއަށް އެބަ ގެންދެއެވެ.
”ރެޑް ވޭވް މޯލްޑިވްސް“ ގެ ނަމުގައި ހަދާފައިވާ އެ އެކައުންޓުގައި މީހުންނަށް ބޮޑަށް އޮޅުުވާލުމަށްޓަކައި، ޕްރޮފައިލް ފޮޓޯއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ވެސް ރެޑްވޭވް ގެ ލޯގޯ އެވެ.
އެ ފޭކް އެކައުންޓުން ދާދި ފަހުން ވަނީ ގޭމެއް ކުޅޭފަދަ ގޮތަކަށް ޕޯސްޓެއް ހަދައި، އޭގެ ރަނގަޅު ޖަވާބުތައް ފޮނުވުމަށް ބުނެފައެވެ. އެގޮތުން ގިނަ ނަންބަރުތަކެއް ހިމަނާފައިވާ އެ ފޮޓޯ ޕޯސްޓުގައި ބުނެފައިވަނީ 803 ފިޔަވައި އިތުރު ނަންބަރެއް ނުވަތަ ނަންބަރުތަކެއް ފެނިއްޖެނަމަ ކޮމެންޓު ކުރުމަށާއި ކޮންމެ ނަސީބުވެރި 100 ފަރާތަކަށް 10،000 ރުފިޔާ އާއި ގިފްޓު ވޯޗަރެއް ލިބޭނެ ކަމަށެވެ.

މި ސްކޭމުގައި ކިރިޔާ ނުޖެހި ސަލާމަތްވީ އެކަކު ”ސައުވީސް“ އަށް އޭނާގެ އެ ތަޖުރިބާގެ ވާހަކަ ކިޔާދެމުން ބުނީ، އޭނާ ފުރަތަމަ އެ ޕޯސްޓަަށް ކޮމެންޓު ކުރީ ގޭމެއްވީމަ ހަމަ މަޖަލަކަށް ކަމަށެވެ.
”ގޭމެއްވީމަ ހަމަ މަޖަލަކަށް، އެ ނަންބަރުތައް ހޯދާފަ ކޮމެންޓު ކޮށްލީ. ދެން އޭގެ ގަޑީރެއްފަހުން އެ ޕޭޖުން ވަކިން މެސެޖުކުރި އަމިއްލަ ޓައިމްލައިންގައާއި ފޭސްބުކްގެ މަދުވެގެން ފަސް ގްރޫޕުގައި ޕޯސްޓު ޝެއާ ކޮށްލަން، އޭރުން އިނާމު ލިބޭނެ ކަމަށް. އެވަގުތު ދެން ހިތަށް އެރި ލިބޭތޯ ބަލާލާނަމޭ. އެ ޕޭޖު ކުޑަކޮށް ބަލާލިން އެކަމަކު އެއިރު ޔަގީންކުރަން އަސްލުވެސް ރެޑްވޭވްގެ ޕޭޖެއްތޯ. އެއިރު ހުރި ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަން ޕޯސްޓުތަކެއް ވެސް. އެހެންވެ ރަނގަޅު ޕޭޖެކޭ ހީވެގެން، އެ ޕޯސްޓު ޝެއާ ކުރީ“ އެމީހާ ކިޔައިދިނެވެ.
އޭނާ ބުނީ، ނަމަވެސް އޭގެ ފަހުން ކަންތައްވީ ވަރަށް ޝައްކުވާ ގޮތަކަށް ކަމަށެވެ.
”ޝެއާކޮށް ނިމުނީމަ އެރޭ ދަންވަރު 1:30 ހާއިރު އަނެއްކާ އިނީ މެސެޖެއް ކޮށްފަ. ކޮންގްރާ ކިޔާފަ. އިނާމަކަށް ދޮންނަ މެޝިނަކާ 10،000 ރުފިޔާ ލިބުނު ކަމަށް. އަދި އިނާމު ހޯދަން ރެޖިސްޓަރ ވާން އެމީހުން ފޮނުވާފަ އިން ލިންކަށް ވަދެ ރެޖިސްޓަރ ވާން ބުނި. އެހިސާބުން ޔަގީންވި ސްކޭމެއްކަން. ލިންކަކަށް ނުވަންނަން، ނުހުޅުވަން. ޔަގީންވީ ސަބަބަކީ ރެޑްވޭވް ކަހަލަ ތަނަކުން ދަންވަރު ގަޑީގަ މެސެޖެއް ނުކުރާނެ ދޯ. އަނެއްކަމަކީ، މޮޅުވިނަމަ ރެޖިސްޓަރ ވާކަށް ނުޖެހޭނެެއްނު. އާންމު މައުލޫމާތު ހަމަ އެހޭނެ ދޯ ޗެޓުން ވެސް“ އޭނާ ބުންޏެވެ.
ދައުރުވަމުންދަނީ ސްކޭމެއްކަމަށް ބުެނ، އެކަމަށް ސަމާލުވުމަށް ”ރެޑްވޭވް“ ގެ އަސްލު ފޭސްބުކް އެކައުންޓުން ވެސް ވަނީ މިހާރު ޕޯސްޓެއް ކޮށްފައެވެ. ރެޑްވޭވް އިން ބުނީ، އެ ކުންފުނިން އިތުރު ފޭސްބުކް އެކައުންޓެއް ނުގެންގުޅޭ ކަމަށާއި އެ ކުންފުނީގެ ނަމާއި ލޯގޯ ބޭނުން ކޮށްގެން ހިންގާ އެފަދަ ސްކޭމްތަކަށް ސަމާލުވުމަށެވެ.




