ޑެލްޓާ އެއާލައިންސްގެ ފްލައިޓެއް ކެނެޑާގެ އެއާޕޯޓެއްގެ ރަންވޭ މައްޗަށް ފުށުންޖެހިގެން އިއްޔެ ހަވީރު ވެއްޓި، 18 މީހަކަށް އަނިޔާވެއްޖެ އެވެ.
ބޭރުގެ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި އެ ފްލައިޓު ފުށުންޖެހިގެން ވެއްޓިފައިވަނީ، ރަންވޭގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ، އެ ފްލައިޓުގައި އެވަގުތު ތިބި 80 މީހުން (76 ޕަސިންޖަރުންނާއި ހަތަރު ކްރޫއިން) ވަގުތުން ފްލައިޓުން ބާލުވައި ސަލާމަތް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޮރޮންޓޯ ޕިއަސަން ފަޔަރ ގެ ޗީފް ޓޮޑް އެއިޓްކެން ބުނީ، މި ހާދިސާއާ ގުޅިގެން 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން ޓޮޑް ބުނީ، ފްލައިޓު ރަންވޭގައި ޖައްސަން އައި ވަގުތު ވައި ވެސް ރަނގަޅު ކަމަށާއި ރަންވޭ ވެސް އޮތީ ހިކިފައި ކަމަށެވެ.
އަނިޔާލިބުނު ބައެއް މީހުންގެ ހާލަތު ސީރިއަސް ކަމަށާއި ނަމަވެސް އެކަކަށް ވެސް ފުރާނައަށް ނުރައްކާވާފަދަ ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމީހުންނަށް ފަރުވާ ދިން ކެނެޑާ ހޮސްޕިޓަލުގެ ތަރުޖަމާނު ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ކެނެޑާގެ ފުލުހުން ބުނީ، ހާދިސާ ދިމާވާން މެދުވެރިވީ ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށާއި ނަމަވެސް އެކަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



