ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރަށްރަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތާއި ޗުއްޓީ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ހުށަހަޅާފައިވާ މިއިސްލާހު ފާސްކުރުމުގެ ސަބަބުން މިހާރު ޑަބްލިއުޑީސީގެ މެންބަރުންނަށް ވެސް ސިވިލް ސަރވިސްގެ މުވައްޒަފުންނެކޭ އެއްފަދައިން، ރަމަޟާން މަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ލިބިގެންދާނެއެވެ. މި އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އިއްތިފާޤުންނެވެ.
މީގެ އިތުރުން، މި އިސްލާހުގެ ދަށުން ޑަބްލިއުޑީސީތަކަށް އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ފަންޑު ހޯދުމުގެ ޤާނޫނީ ބާރުވެސް ލިބި ކައުންސިލްތަކަށް ލިބޭ ހިލޭ އެހީގެ މަދުވެގެން 5 ޕަސެންޓް ޑަބްލިއުޑީސީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޚާއްޞަކުރަންޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރަމަޟާން އިނާޔަތް ދޭން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު މި ބަދަލާއެކު، ޑަބްލިއުޑީސީ މެންބަރުންނަކީ މުސާރަ އަދި ރަމަޟާން އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބަޔަކަށް ވެގެންދާނެއެވެ.


