ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތްދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު ހަނދާންކޮށްދީފި އެވެ.
ވަޒީފާއާބެހޭ ޤާނޫނުގައި ބުނާގޮތުން ކޮންމެ އަހަރަކު ވެސް ރަމަޟާބް މަސް ފެށުމުގެ ކުރިން ކޮންމެ ދިވެހި މުވައްޒަފަކަށް 3000 ރުފިޔާ ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ޖެހެއެވެ.
މިކަމާ ގުޅޭގޮތުން އެލްއާރްއޭއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާއްމުކުރި ބަޔާނެއްގައި ބުނީ ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ވަޒީފާއަދާ ކުރަމުންދާ ދިވެހި މުވައްޒަފުންނަށް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރޯދަ މަހުގެ އިނާޔަތް ލިބިފައިފައިނުވާތީ، ފާއިތުވި އަހަރު ގިނަ މައްސަލަތަކެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ލޭބާ ރިލޭޝަނުން ބުނީ، ރޯދަ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންވާނެ ކަމަށާއި ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުން، ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި ތިބޭ މުވައްޒަފުން އަދި ގާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް އިނާޔަތް ހައްގުވާނެ ކަމަށެވެ.
އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރޯދަ މަހުގެ އިނާޔަތް ދިނުމަށް ހަނދާންކޮށްދޭ ކަމަށް އެލްއާރްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.




