ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ޕްރޮޕަޓީތައް 99 އަހަރުގެ މުއްދަތަށް ދޫކުރި ނަމަވެސް، އެ ތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ދެމިއޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢާ ގުޅުވައިގެން 99 އަހަރަށް ބިން ދޫކުރާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަންކަން އޮޅުވާލުމަށް ކަމަށެވެ.
އެގޮތުން ދޫކުރެވޭ އެއްވެސް ޕްރޮޕަޓީއެއް އެހެން ފަރާތަކަށް އަލުން ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް އަނބުރާ ވިއްކަން މަޖުބޫރުވާނީ ދައުލަތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ހިނގާ ކޮންމެ މުޢާމަލާތަކުންވެސް ދައުލަތަށް ސީދާ އާމްދަނީ ލިބި، މާލީ ފައިދާ ކުރާނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން. ސަރުކާރުން ދެންއެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް، ”ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ދުރުރާސްތާ ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން، މީހުން އާބާދުވުމުގެ ކުރިން ބޮޑެތި އިންވެސްޓްމަންޓުތައް ގެނެވިފައި ނުވާ ކަމަށެވެ. އަދި ހުޅުމާލެއަށް އެފަދަ އިންވެސްޓްމަންޓުތައް އައީ ސިނަމާލެ ބްރިޖާއެކު މީހުން ދިރިއުޅެން ފެށި ފަހުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރަސްމާލެ ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ދޫކުރާ ބިމާއި ފްލެޓުތަކުގައި ދިރިއުޅެން ފެށުމުގެ ކުރިން، ބޭނުންވާ އަސާސީ ވަސީލަތްތަކާއި ބޮޑެތި އިންވެސްޓްމަންޓުތައް ޤާއިމުކުރުން ކަމަށް ބަޔާންކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އީގަލް ހިލްސްއިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްޤީ ޙަޤީޤަތަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިގައި ހުރި ޙަޤީޤީ ކަންބޮޑުވުންތަކަށް ސަރުކާރުން އަބަދުވެސް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށާއި، އެ މަޝްރޫޢާ ގުޅޭ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޤާނޫނީ އިމުގެ ތެރެއިން ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.



