ދިވެހިންގެ ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުން ޚާއްސަ ބޮޑުބެރު މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި މުބާރާތަކީ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ”ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު“ގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ބީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތަކީ ދިވެހީންގެ ތެރޭގައި، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި ދިވެހި ސަގާފަތް އާލާކުރުމަށާއި ބޮޑުބެރަށް އޮންނަ ލޯބި ވަރުގަދަކޮށް އެކަމަށް ވާދަވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ތަފާތު އެކި ގްރޫޕުތަކަށް ބައިވެރިވެވޭނެ ކަމަށާއި ވަނަވަނައަށްދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީސީސީން ހާމަކޮށްފައިވެއެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުން ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މި މުބާރާތް ކުރިއަށްދާނީ މައުރަޒު ކުރިއަށްދާ ދުވަސްވަރުގައެވެ. މި މައުރަޒު ކުރިއަށްދާނީ މެއި މަހުގެ 23 އިން 31ގެ ނިޔަލަށެވެ. މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ ހުނަރުތައް ދައްކާލުމަށް 15 ދާއިރާއަކުން ކުރިމަތިލެވޭނެއެވެ.



