މާލޭގައި މިފަހަކަށް އައިސް ހިނގަމުންދިޔަ ސިލްސިލާ މާރާމާތައް ރޭވުމުގައި އިސްކޮށް އުޅޭ އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހައްޔަރު ކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ހައްޔަރާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ އެ މާރާމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރީތަކެއް ކަމަށެވެ.
މިފަދަ މާރާމާރީތަކުގެ ސަބަބުން އެކިމީހުންނަށް އެކި ވަރުގެ އަނިޔާއާއި މުދަލަށްވެސް ގެއްލުން ވެފައިވާ ކަމަށާއި، އެކަން އިތުރަށް ފުޅާވެ ތޫނު ހަތިޔާރުވެސް ބޭނުންކުރަމުންދާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
އެގޮތުން ހައްޔަރު ކުރި އެމީހާއަކީ ވެސް އެފަދައިން މާރާމާރީތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފަ އެވެ.




