ކަންނެލި ދޯންޏެއްގައި 2020 ވަމަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ނިންމާ، އެމީހުން ދޫކޮށްލައިފިއެވެ.
”މަސްޖަރީ 2“ ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް އެތެރެކޮށް މަސްތުވާތަކެތި ޓްރެފިކްކުރި ކަމަށް ބުނާ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލައިގެންފައިވަނީ މާލޭގައި އޮތް ކާރަކުންނެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ފުރަތަމަ ދައުވާ އުފުލީ 10 މީހެއްގެ މައްޗަށެވެ. އޭގެތެރެއިން ހަތް މީހެއްގެ ދައުވާ އަނބުރާ ގެންދިޔުމަށްފަހު، ކްރިމިނަލް ކޯޓުގައި ފަހުން ޝަރީއަތް ހިންގީ ތިން މީހެއްގެ މައްޗަށެވެ.
އެއީ:
– އިރުފާން ތަގިއްޔު، ދޭލިޔާގެ/ސ. ހުޅުދޫ
– އަހްމަދު ނަސީރު، އަނބުގަސްދޮށުގެ/ދ. މާއެނބޫދޫ
– މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީ
އެ ތިންމީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ނިންމާ، މިހާރު ވަނީ ދޫކޮށްލާފައެވެ.



