ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ކުރިއަށް ގެންދިޔަ ’އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024‘ ނިންމައި، 49 ބައިވެރިންނަށް ސަނަދު ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ބޭއްވުނު ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އަލީ ހައިދަރު އަހްމަދެވެ.
އެޗްޑީސީން މިހާތަނަށް ކުރިއަށްގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމުގައިވާ މި ޕްރޮގްރާމުގައި ބައިވެރިވި 49 ފަރާތަކަށް ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދު ދޫކޮށްފައެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެން.އޭ.ޕީ) ގައިޑްލައިންސްއާ އެއްގޮތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިން ތަމްރީނުކޮށްފައިވަނީ ގާރޑަނިންގ، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން މި ހަ ދާއިރާއިންނެވެ.
އެޗްޑީސީއާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ތަމްރީނު ދޭ އިންސްޓިޓިއުޓުގެ ގޮތުގައި ޔޫތު މިނިސްޓްރީން ހަމަޖައްސާފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގުތު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުމެވެ. މީގެ އިތުރުން، އެޗްޑީސީން ވަނީ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.




