ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްކޯ) އާމެދު ފެންމަތިވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން، ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާވެސް އެ ކޯޕަރޭޝަނަށް ވަދެއްޖެއެވެ. މިމައްސަލައާ ގުޅިގެން މީގެ ކުރިން ވެސް އޭސީސީން ވަނީ ޕޮލްކޯއަށް ވަދެ ތަހުގީގުތަކެއް ކޮށްފައެވެ.
މިކަމާ ގުޅޭ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވީ، ޕޮލްކޯ އޮފީހަށް އޭސީސީގެ ޓީމަކުން ވަދެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި ތަހުގީގަށް ބޭނުންވާ ލިޔުންތަކެއްވެސް ގެންދަމުންދާ ކަމަށެވެ.
ޕޮލްކޯއާ ހަވާލުކޮށްގެން ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށް ގެންދިޔަ ”ބުލޫސް ހައުސިން“ މަޝްރޫއުގައި ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިންގާފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން މިހާރުވެސް ދަނީ ދިރާސާކުރަމުންނެވެ. އެގޮތުން އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް އުފައްދާފައެވެ.
ޕޮލްކޯއާ ގުޅޭ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއްގެ ވާހަކަ ކިޔައިދެއްވާ ފުލުހުންގެ ތެރެއިން މީހަކު ވަނީ މަޖިލިހަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިހާރު ފުލުހުންގެ މަގާމުގައި ހުންނެވި ”ވިސިލްބްލޯވަރެއްގެ“ ފަރާތުން މަޖިލީހުގެ މެއިލްއަށް ޕޮލްކޯތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އިތުރު މައްސަލަތަކެއްގެ މައުލޫމާތުތަކެއް ވެސް ފޮނުވާފައިވާ ކަމަށެވެ.
”ހަމައެކަނި މި ހައުސިން ކަންތައް އެކަނި ނޫންކަމަށް އެތަނުގައި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައި ހުރީ. އެއަށްވުރެ ފުޅާ ދާއިރާއެއްގައި މުދަލާއި ހިދުމަތް ހޯދުމަށް ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށް“ މަޖިލިހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މެންބަރު ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ އެ ކޮމިޓީން ނިންމަންޖެހޭ އެންމެ މުހިންމު ނިންމުމަކީ އެކަން ހިނގަމުންދިޔައިރު ފުލުހުންގެ ޒިންމާދާރު މަގާމުތަކުގައި ތިބި އޮފިސަރުންނާ މެދު އަޅާނެ ފިޔަވަޅަކީ ކޮބައިތޯ ނިންމުން ކަމަށެވެ.



