ޤާނޫނާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ޤާނޫނާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޤާނޫނާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް މެދުކެނޑުމެއްނެތި ކުރިއަށްދާ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ވަނީ މާލޭގައި ހިންގަމުންދާ 5 ކުދި ފިހާރައެއް ބަލައި ފާސްކޮށްފައެވެ.
މި އޮޕަރޭޝަނުގައި، ޤާނޫނާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ހޯމް މިނިސްޓްރީން ރާއްޖޭގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން ވޭތުވެދިޔަ އަހަރު 6000 އަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލެވިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.



