ޕީކް ސީޒަން އާއި ދިމާކޮށް ސްޓެލްކޯއިން ގެނެސްފައިވާ އާ ޖަނަރޭޓަރު ސެޓްތައް ބަހައްޓާނެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޕީކް ސީޒަންގައި ކަރަންޓުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން އެ ޑިމާންޑަށް ފުދޭވަރުގެ ކަރަންޓު އުފެއްދުމަށާއި، ގްރޭޓަރ މާލޭ ސަރަޙައްދުގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ބޭނުންކުރުމަށް ޖަނަރޭޓަރު ސެޓްތައް ވަނީ ގެނެސްފައެވެ. އަދި މިހާރު ވަނީ މި ޖަނަރޭޓަރުތައް ބަހައްޓާނެ ބިން ވެސް ހަމަޖެހިފައެވެ.
މިއަހަރުގެ ”ޕީކް ސީޒަން“ އަންނަނީ ރަމަޟާން މަހާ ދިމާކޮށް ކަމަށްވުމާއެކު، ސްޓެލްކޯއިން ދަނީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ތައްޔާރުވަމުންނެވެ. ނަމަވެސް ސްޓެލްކޯއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހަކީ ސްކޫލުތައް ބަންދު ދުވަސްވަރަކަށް ވުމާއެކު، އެ ދުވަސްކޮޅު މާލެ ސަރަޙައްދުގައި ކަރަންޓުގެ ޕީކް ލޯޑް ކުޑަވާނެ ކަމަށް ލަފާކުރެވެއެވެ.




